ރައިސް ނަޝީދު ވިދާޅުވިއަސް، ރަނގަޅު މީހުން ނެތި ނިޒާމަކުން އެކަނި ކުރާނެ ކަމެއް ނޯއްނާނެ!
- ޙުސައިން ވިސާމު
- 27 ޖުލައި 2023

ރައީސް ނަޝީދަކީ، ހަރުދަނާ ނިޒާމަކާއި އެކު އެމްޑީޕީ ވުޖޫދަށް ގެންނެވުމުގައި މުހިއްމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެމްޑީޕީގެ ލީޑާޝިޕް ބަދަލުވިގޮތާއި އަދި އެބަދަލާއި އެކު އެމްޑީޕީ ދިވެހި ރާއްޖޭގެ ސިޔާސީ ހަޔާތުގައި ފިޔަޖަހަމުން ދާދިއުމަކީ އެމްޑީޕީއަކީ ހަރުދަނާ ނިޒާމެއް އޮތް ޕާޓީއެއްކަމަށް ބުނެވިދާނެ ސަބަބެކެވެ. ކުރުކޮށް ދަންނަވަނީނަމަ ރައީސް ނަޝީދާއި، އެމަނިކުފާނުގެ ގާތްބޭފުޅުންގެ ގޮތުގައި އުޅުއްވާ ބޭފުޅުންނަށް އެޕާޓީގައި ހިފަހައްޓާ ނުލެވުމަކީ އެމްޑީޕީގައި ރަނގަޅު ނިޒާމެއް އޮތުމެވެ. ވެރިން އާވެ ބާވުމަކީ ޑިމޮކުރަސީގެ ސިފައެކެވެ. ދިގުމުއްދަތުގައި ތިބެނީ ޚުދުމުހުތާރު ވެރިކަމުގައެވެ. މިހަގީގަތް ގަބޫލު ކުރަންޖެހެއެވެ. އެހެންކަމުން ވަކި މީހެއް ނުވަތަ ވަކި ބައެއްގެ މުށުތެރޭގައި މިއަދު އެމްޑީޕީ ނެތީ އެތެރޭގެ އިންތިޚާބުތަކާއި، އަސާސީ ގަވައިދުތައް ހަރުދަނާ ގޮތެއްގައި ހިނގާތީއެވެ. ދާދި ފަހުން ރައީސް ނަޝިދު މިސާލެއްގެ ގޮތުގައި ނެންގެވި އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މަގާމު ދޫކޮއްލި ގޮތް ސިފަކުރެއްވީ ރަނގަޅު ނިޒާމެއް އޮތުމުގެ ސަބަބުގެ ގޮތުގައެވެ. ހަގީގަތަކީ، އިންގިރޭސި ވިލާތުގައި އެގޮތަށް ކަންކަން ހިނގަނީ ރަނގަޅު ނިޒާމެއްގެ އިތުރުން އެފަދަ ރަނގަޅު ސަގާފަތެއް އެތަނުގެ ސިޔާސީ މައިދާނުގައި ހިނގާތީއެވެ. ނިޒާމެއްގެ އިތުރުން ރަނގަޅު މީހުންވެސް ތިބެން ޖެހެއެވެ. ސަގާފަތެއް ދިރުވޭނީ ރަނގަޅަށް ކަންކަން ކުރާ ރަނގަޅު މީހުންވެސް އުޅެގެންނެވެ.
ދިވެހިރާއްޖޭގައި ޅަފަތުގައި އޮތް ޑިމޮކްރަސީގައި ރައީސް ނަޝީދު މިއަދު އަމަލު ކުރައްވާ ގޮތަކީ އެފަދަ ސަގާފަތެއް ދިރުވުމަށް ގޮންޖެހުމެކެވެ. ތިމާ އިންތިޚާބަކުން ބަލި ވުމުން، ވޯޓު އޮޅުވާލެއްވީ ކަމަށް ވިދާޅުވެ، ގޮތްދޫނުކުރެއްވިއެވެ. އިނގިރާސި ވިލާތުގައި ބަލިވުމުން މޮޅުވި ފަރާތަށް މަރުހަބާ ދަންނަވަނީ ނިޒާމަކުންނެއްނޫނެވެ. އެއީ އަޚްލާގެވެ، އެއީ އެތަނުގެ ސަގާފަތެވެ އަދި އެންމެން ގަބޫލު ކުރާ ހަމައެކެވެ. ވޯޓުން ކަންކަން ނިންމަން ވަކާލާތު ކުރެއްވި ބޭފުޅަކު އެމްޑީޕީ ޕްރައިމަރީއިން ބަލިވީއެވެ. ގަބޫލެއް ނުކުރެއްވިއެވެ. މިއަދު ރައީސް ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތް ރައީސްއެކެވެ. އިތުބާރު ނެތްކަމަށް 54 މެންބަރުން ސޮއިކުރެއްވުމުންވެސް، ސޮއިކުރެއްވި މެންބަރުންގެ ސިއްރު މެސެޖުތަކެއް އެމަނިކުފާނުގެ ފޯނުގައި އެބަހުރި ކަމަށް ވިދާޅުވެ، ރައީސް ނަޝީދު މަގާމުގައި ހުންނަވަނީއެވެ. މަޖިލީހުގެ ގަވާއިދު ފޮޅުވަތެއް ސަބަބެއްގެ ގޮތުގައި ދައްކަވައެވެ. ބޮރިސް ޖޯންސަން ދެއްކެވި އަޚްލާގު ނުދައްކަވަނީ ނިޒާމެއް ނެތީމަ ހެއްޔެވެ. އެމްޑީޕީ އަތުލާނެ ކަމަށް ދިވެހި ރައްޔިތުން ކުރިމަތީ ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމުން ނިޒާމަކީ ކޯޗެއްކަން ރައީސް ނަޝީދަށް ރަނގަޅަށް ނޭނގޭ ކަމަށް ބަލަންޖެހެއެވެ. އަނބުރާ އަތުލަން އެއީ އެމަނިކުފާނަށް ލިބެންޖެހޭ ހަރުމުދަލެއް ހެއްޔެވެ.
ރައީސް ނަޝީދު ދަޑިމޮކްރެޓްސް އަށް ސޮއި ކުރެއްވުމަށްފަހު ބޭއްވި ޖަލްސާގައި ޖަޒްބާތާއެކު އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވީ ކިހިނެއް ކޮންގޮތަކަށް ރޫޅާލާ ވާހަކަ ހެއްޔެވެ. ރައީސް ނަޝީދުގެ ހަރު އަޑުން ގޮވާ ގޮވުންތަކުގައި ބާރު ހުރި ޒަމާން މާޒީވެއްޖެއެވެ. އެޒަމާނަށް ހަރުއަޑު ކަމުދިޔަޔަސް، މިއަދަކީ ރިވެތި ނަމޫނާދައްކަން ޖެހިފައިވާ ދުވަހެވެ.
މައުމޫނުގެ ވެރިކަމުގައި ޑިމޮކްރަސީގެ ކުލަ ޖެއްސުމަށް އުފެއްދި ޑީއާރުޕީ ފަދަ ޕާޓީއެއްގޮތަށް އެމްޑީޕީ އުފެއްދި ނަމަ ރޫޅާލަން ފަސޭހަވެދާނެއެވެ. އެމްޑީޕީއަކީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހިންގާ އެންމެ ހަރުދަނާ ސިޔާސީ ޕާޓީކަމުގައި ގިނަ ބަޔަކު ގަބޫލު ކުރާ ސަބަބަކީ އެތެރޭގެ އިންތިހާބުތަކާއި ނިޒާމުތަކެއްގެ ބާރުން ހިނގާ ޕާޓީއަކަށް ވުމެވެ. ތިންހަތަރު ކުޅި ކުރިއަށް ކުޅެ، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކޮންމެ ގޮތަކުންވެސް ރައީސް އިބުރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަން ބަދަލުކޮށް އިދިކޮޅު ސިޔާސީ ލީޑަރުގެގޮތުގައި ހުންނަވައި 2028 ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ދަންނަ ބައެއްބޭފުޅުން ވިދާޅުވެއެވެ. ނިޒާމު ގެނެވޭނީ އެދުވަހުން ކަމަށްވެދާނެއެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބަކީވެސް އާފިލާވަޅުތަކެއް ލިބޭނެ އިންތިޚާބެކެވެ. ޑިމޮކުރަސީގައި ވެރިން އާވެ، ބާވުމަކީ ހަގީގަތެއްކަން ގަބޫލުކުރަން ޖެހޭނެ އިންތިޙާބަކަށް ވެދާނެއެވެ. ބަލަން ތިބެމާ ހިނގާށެވެ. ޑިމޮކްރަސީގައި ވެރިކަމަށް ވަޑައިގެން ވެރިކަމުން ދުރުވުމަށްފަހު އަނބުރާ ވެރިކަމަށް އައުމަކީ ވަރަށް މަދުން ނޫނީ ނުވާކަމެކެވެ. ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އެދުވަސްތައް ތަޖުރިބާކުރާ ހިސާބަށް މިއޮތީއާދެވިފައެވެ.