އިސްލާމް ދީނުގައި ރަހިމުގެ ގުޅުމުގެ މުހިއްމުކަން
- ޙުސައިން ވިސާމު
- 14 ފެބްރުއަރީ 2025

އިސްލާމް ދީނުގައި އެއްބަނޑު އެއްބަފާ ގުޅުމަކީ އިންސާނުންގެ މެދުގައި އޮންނަ އެންމެ ގާތް ގުޅުމެވެ. އަޅުގަނޑު މި ބަލާލަނީ އިސްލާމް ދީނުގައި އެއްބަނޑު އެއްބަފާ ގުޅުމުގެ މުހިއްމުކަމާއި، އޭގެ ފައިދާތަކާއި އަދި ގެއްލުންތަކާއި ކުރިމަތިވާ ގޮތްތަކަށެވެ.
އެމީހެއްގެ މައިންބަފައިނާއި، އަދި އެއްބަނޑު އެއްބަފާ މީހުން ކަނޑައެޅުމަކީ، އެއްވެސް މީހެއްގެ ބާރެއް ހިނގާ ކަމެއް ނޫނެވެ. ވަގުތީ މި ދުނިޔެއަށް އިންސާނާ އަންނަނީ އަމިއްލަ އިޚްތިޔާރެއް ނެތި އެވެ. މައިންބަފައިންނާއި އެހެނިހެން ގާތްތިމާގެ މީހުންގެ ގޮތުގައި ވަކި ބަޔަކު ލިބުމަކީ މާތްﷲ ގެ އިރާދަފުޅެވެ .އިންސާނާގެ ނިކަމެތިކަން އިޙްޞާސް ނުވަނީ ކީއްވެބާއެވެ!
އިސްލާމް ދީނުގައި އެއްބަނޑު އެއްބަފާ ގުޅުން ކަނޑާލުމަކީ ވަރަށް ބޮޑު ފާފައެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކޯފާއާއި އަޒާބަށް ހުށަހެޅޭނެކަން ޤުރުއާނާއި ސުންނަތުން ސާބިތުވެގެންވެއެވެ. ޤުރުއާނާއި ސުންނަތުން ސާބިތުވާ ކަންކަން ތުނޑުން ތުނޑަށް ހިނގާނެ ކަމާއި ދޭތެރޭ ޝައްކުކުރަނީ ހެއްޔެވެ؟
ކީރިތި ޤުރުއާނުގެ މުޙައްމަދު ސޫރަތުގެ 22 އަދި 23 ވަނަ އާޔަތުގައި މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނާގައިވެއެވެ. "ފަހެ ތިބާމެން (އީމާންކަމުން) ފުރަގަސްދީފިނަމަ، ބިމުގައި ފަސާދަކޮށް، ތިބާމެންގެ ގާތްތިމާގެކަމުގެ ގުޅުންތައް ކަނޑާލުން ފިޔަވައި (އެހެން ކަމެއް) ކުރާނެ ހެއްޔެވެ؟ އެއުރެންނަކީ، އެއުރެންނަށް ލަޢުނަތް ލެއްވި މީހުންނެވެ. ފަހެ، އެކަލާނގެ އެއުރެންގެ އިވުން ކަނުކުރައްވައި، އެއުރެންގެ ލޯތައް ކަނުކުރެއްވިއެވެ." މިއާޔަތުން އެނގިގެން ދަނީ ގާތްތިމާގެ ގުޅުން ކަނޑާލެވެނީ އީމާންކަމަށް ފުރަގަސްދީގެން ހުންނަ މީހަކަށް ކަމެވެ.
އަދި ރަސޫލުﷲ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ. "ތިން ކަމެއްގެ ފާފަ ﷲ ތަޢާލާ އާޚިރަތަށް ފަސްނުކުރައްވައި، ދުނިޔޭގައިވެސް އޭގެ އަދަބު ދެއްވައެވެ. އެއީ މައިންބަފައިންނަށް އުރެދުމާއި، މީހުން މެރުމާއި، އަދި ގާތްތިމާގެ ގުޅުން ކެނޑުމެވެ." ރިވާކުރެއްވީ:- އިމާމް ތިރުމިޛީ - އަދި އެކަލޭގެފާނުގެ އިރުޝާދުން އެނގޭ ގޮތުގައި، ދުނިޔެވީ އެއްވެސް މުދަލެއް، އެއީ ކިތަންމެ އަގުހުރި އެއްޗެއް ކަމުގައިވިޔަސް، ގޯތިގެދޮރު ނުވަތަ މާލީ މުއްސަނދިކަން ވިޔަސް، ރަޙިމުގެ ގުޅުމުގެ އަގަށްވުރެ މަތިވެރިއެއް ނުވާނެ ކަމަށެވެ.
އަދި މީގެ އިތުރުންވެސް ރަސޫލުﷲ ﷺ ޙަދީޘްން ސާބިތުވެފައިވާ ގޮތުގައި، ގުޅުން ބަދަހިކުރާ މީހަކީ ކަމެއް އަނބުރާ ކޮށްދޭ މީހެއް ނޫނެވެ. އެހެނެއްކަމަކު، އޭނާގެ ގާތްތިމާގެ މީހުން އޭނާއާ ގުޅުން ކަނޑާލި ނަމަވެސް، އަދިވެސް އެމީހުންނާ ގުޅުން ބަދަހިކޮށްގެން ހުންނަ މީހާއެވެ. ޞަޙީޙުލް ބުޚާރީ 5991
އަދިވެސް، ކީރިތި ޤުރުއާނުގެ ނިސާ ސޫރަތުގެ 1 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! އެކަލާނގެއީ، އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ ނަފްސުގެ ކިބައިން އޭގެ އަނެއް ޖިންސު ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ ސުވާލު ކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، ﷲ ވޮޑިގެންވެއެވެ.
ދުނިޔޭގެ އިއްޒަތާއި ލައްޒަތު އަދި ފިތުނަވެރިކަމުން އިންސާނިއްޔަތުކަން ނެތިގެންދާ މި ޒަމާނުގައި، އަޅުގަނޑުމެން މުސްލިމުން ވަރަށް ބޮޑަށް ސަމާލުވާން ޖެހިފައިވެއެވެ. މި ނުރައްކާތެރި ދަނޑިވަޅުގައި އަޅުގަނޑުމެންގެ އީމާންކަން ދެމެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.
އަދިވެސް ރަސޫލުﷲ ﷺ ޙަދީޘްކުރައްވާފައިވެއެވެ. "ގާތްތިމާގެ ގުޅުން ކަނޑާލާ މީހާ ސުވަރުގެއަކަށް ނުވަންނާނެއެވެ." (ޞަޙީޙުލް ބުޚާރީ) މި ޙަދީޘުން އަޅުގަނޑުމެންނަށް އެނގިގެންދަނީ އެއްބަނޑު އެއްބަފާ ގުޅުން ދަމަހައްޓައި، އެ ގުޅުން ބަދަހިކުރުމަކީ އިންސާނާގެ ހިތައް އެރުމުން ބޭނުންހާ ގޮތަކަށް ކުރެވޭނެ ކަމެއް ނޫންކަމެވެ. އެއްބަނޑު އެއްބަފާ ގުޅުން ކަނޑާލުމުން ﷲ ގެ ކޯފާއަށް ހުށަހެޅޭނެކަން އެނގެން އެބައޮތެއް ނޫންތޯއެވެ.
"އަޅުގަނޑުމެންގެ ޚާލިޤު އަދި ރައްބު ކަމުގައިވާ ﷲ ސުބުޙާނަހޫ ވަތަޢާލާ، އަޅުގަނޑުމެން އެންމެންގެ މެދުގައި އެއްބަނޑު އެއްބަފާ މީހުންގެ ގުޅުން އިތުރަށް ބަދަހިކޮށް، އެ ގުޅުން ދެމެހެއްޓުމުގެ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ. އާމީން. وَجَزَاكُمُ اللهُ خَيْرًا