ގަޓު ރައީސް ގެ ތާޖު ޑރ.މުއިއްޒަށް ދޭން ޖެހިއްޖެ!

ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއެއް ހުރެފައި، އެތަކެއް ދީނީ ދަންނަބޭކަލުން ތިއްބަވާ އިރުވެސް، ބަދުއަޚްލާގީ ސައިޓްތައް މިހާ ދުވަސް ވީ އިރުވެސް ބުލޮކް ނުކޮށް އުތުމުން ސުވާލު އުފެދެއެވެ. މިކަން ކުރަން ނޭނގޭ ކަމަށް ގަބޫލެއް ނުކުރެވޭނެއެވެ. ގަސްތުގައި ނުކުރީ، ނުވަތަ ގަޓު ނެތީއެވެ. މިކަމާއި ދެކޮޅު ބަޔަކުވެސް އުޅޭނެކަން ޔަގީނެވެ. ބަދުއަޚްލާގީ ސައިޓްތަކުން މުޖުތަމައުއަށް ކުރާ ނޭދެވޭ އަސަރަކީ އެންމެން ދަންނަ އެއްޗެކެވެ. ދިރާސާ ތަކުގެ އަލީގައި ޣައިރު މުސްލިމުންވެސް މިކަން ދަނެއެވެ. އިސްލާމީ ގިނަ ގައުމުތަކުގައި ބަދުއަޚްލާގީ ސައިޓްތައް ވަނީ ބުލޮކް ކޮއްފައެވެ. އިސްލާމީ ގައުމެއްގެ ވެރިއަކަށް ހުންނަވާ ބޭފުޅެއްގެ ޒިންމާތަކުގެ ތެރޭގައި އިސްލާމް ދީން ހިމާޔަތް ކުރުމާއި، އިސްލާމް ދީން ފެތުރުމަކީ ކޮންމެހެން އަދާ ކުރަން ޖެހޭ ޒިންމާއެކެވެ. މިސަބަބު ތަކާ ހުރެ ވޭތުވެ ދިޔަ އެއްވެސް ރައީސެއްގެ ގަޓު ނެތީ ކަމުގައި ބެލި ދާނެއެވެ.

ޕީޕީއެމްގެ ވެރިކަން 2018 ގައި ނިމުނު އިރު ގަޓު ރައީސް ގެ ލަގަބު ނުވަތަ ރައީސް ޔާމީނަކީ ގަޓު ހުރި ރައީސް ކަމުގައި ޕީޕީއެމްގެ ސަޕޯޓަރުން ބުނަމުން ދިޔައެވެ. އަދި ޚުދު ރައީސް ޔާމީނު އަމިއްލަ ފުޅަށްވެސް ގަޓު ހުރި ރައީސް އެއްކަމުގައި ބުނާކަމަށް ވާހަކަ ދެކެވެއެވެ.

މާ ގިނަ ބަހަނާތަކާ، މާގިނަ ވަގުތެއް ނުނަގާ ބަރަހަނާ ސައިޓުތައް މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ ބްލޮކު ކޮއްލުމުން ގަޓް ހުރި ރައީސްގެ ލަގަބު ހައްގު ވީ އެވެ. އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގައުމިއްޔަތާއި، ސިޔާދަތު ހިމާޔަތް ކުރަން ރައީސް ޔާމީނަށް ކުރެވުނު މާބޮޑު ކަމެއް ފެންނާކަށް ނެތެެވެ. އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގައުމިއްޔަތާއި، ސިޔާދަތު ހިމާޔަަތް ކުރުމުގެ ވާހަކަ ވަރަށް ހަރު އަޑުން ގޮވާފައި އެބަހުއްޓެވެ، އެހެންނަމަ ވެސް ކަން ކުރަން ކެރުނީ މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒަށް ނޫން ތޯއެވެ. މިއަދުގެ ފިކުރީ ހަނގުރާމައިގެ ހަތިޔާރުތަކަކީ ކޮބައިކަން ދެނެގަނެ އެއާ ކުރިމަތި ލުމުގެ ގަޓު ދައްކާލީ އެންމެން ސިއްސުވާލާފައެވެ. ދެން އޮތީ ނުރަނގަޅު ޚާރިޖީ ނުފޫޒުތަކުން ދިވެހިރާއްޖޭގެ އިގުތިޞާދާއި، ދިފާއީ ބާރު މިނިވަންކޮށް، ފުރިހަމަ އާރާއި ބާރު ހުރި މިނިވަން ދައުލަތެއްގެ ނަފާ ދިވެހިންނަށް ލިބިދިނުމު މުހިއްމު މަސައްކަތެވެ. ގަޓު ހުރެގެން ޑރ.މުއިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅު ތަކުން މިކަން ހާސިލް ވާނެކަމުގެ އުއްމީދު ބޮޑެވެ. ގަޓު ރައީސް ޑރ.މުއިއްޒަށް ހަމަ ސާބަހެވެ.

އަދިވެސް ކުރަން ޖެހޭ ކަންކަން ވަރަށް ގިނައެވެ. މިސާލަކަށް، ޔޫރަޕާއި އެމެރިކާ ފަދަ ގައުމު ތަކުގެ ހޮޓާ ތަކުގެ ކޮޓަރިތަކުގައި ކްރިސްޓިއަނުން ގެންގުޅޭ ފޮތް ބައިބުލް ވަރަށް ގިނަތަންތަނުގައި ބާއްވާފައި އޮވެއެވެ. އަދި އިންޑިއާ ފަދަ ގައުމު ތަކުގައި ކޮންމެވެސް ބުދެއްނަމަވެސް ދީނީ އެއްޗެއް ހޮޓާ ތަކުގެ ލޮބީގައި ހުރެއެވެ. ދިވެހިރާއްޖެއަކީ ޓޫރިސްޓުން ގެ މަގުބޫލު މަންޒިކަށް ވާއިރު، ދިވެހިންގެ ދީނާއި ސަގާފަތް އެމީހުންނަށް ފެންނަނީ ވަރަށް މަދު ފަހަރެއްގައެވެ. މިކަން ފުޅާކުރެވިދާނެ ކިތައްމެ ގޮތެއް އެބަހުއްޓެވެ. މިސާލަކަށް، ދިވެހިރާއްޖޭގެ ރިސޯޓު ތަކުގެ ލޮބީ އޭރިއާގައި އިސްލާމިކް ކޯނާއެއް ހުރުން ލާޒިމް ކުރެވިދާނެއެވެ. އެތަނުގައި، ކީރިތި ޤުރުއާނުގެ ތަރުޖަމާއާއި އޮންލައިން ކޮށް ސުވާލާއި ޖަވާބު ދިނުން ފަދަ ކަންކަން ކުރެވިދާނެއެވެ. އަދި އިސްލާމް ދީނަށް ޚާއްސަ ދުވަސްތައް ފާހަގަ ކުރުން ފަދަ ކަންކަންވެސް ކުރެވިދާނެއެވެ. މިފަދަ ކަންކަމުން ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ޝަރަފުވެރިކަން އިތުރުވެގެން ދާނެކަން ކަށަވަރެވެ. އަދި ރާއްޖެއިން ބޭރުން އަންނަ ޣައިރު މުސްލިމުންނަށް އިސްލާމް ދީނަށް ދައުވަތު ދިނުމަކީ ކުރަން ޖެހޭކަމެވެ. މިއީ ހަމަ ބަހުސްކޮއްލަން ރަނގަޅު މައުޟޫއެކެވެ.

ކޮމެންޓް (0)