މިނިވަންކަމާއި މިނިވަންކަމުގެ އިޙްޞާސްއަކީ ކޮބާހެއްޔެވެ؟ މިނިވަންވީ ކިހިނެއްތޯ؟

ދިވަހިރާއްޖެއަށް އިނގިރޭސިން އަތުން މިނިވަންކަން ލިބުނުކަމަށް ބުނެވޭ ތާރީޚަކީ 26 ޖުލައި 1965 ކެވެ. ދާދި ފަހުން މިހާރުގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވީ އިނގިރޭސިން ދިވެހިރާއްޖެ ކޮލޮނައިޒް ނުކުރާކަމަށެވެ. އެހެންކަމަށްވަނީ ނަމަ އެމީހުން ކުރީ ކީއްތޯ ބަލާލުން މުހިއްމު ކަމުގައި ދެކެމެވެ.

އިނގިރޭސިން މައިގަނޑު ގޮތެއްގައި އައްޑުއަތޮޅު ގަމުގައި މިލިޓަރީ ވައިގެ މަރުކަޒެއް ހަދައި އޭގެބޭނުން ހިފިއެވެ. އެމީހުންގެ ހުރިހާ ޙަރަކާތެއްހެން ހިންގާފައިވަނީ އައްޑުއަތޮޅުގައި ކަމަށްވާއިރު، ކަރުދާހުގައި ލިޔެފައި އޮތް އެއްޗަކަށްވުރެން ބޮޑަށް އައްޑުއަތޮޅުގެ ރައްޔިތުންނަށް އަޅުވެތިކަމެއްގެ އިޙްޞާސް ކުރެވިފައިވޭތޯ ބަލާލަމާ ހިނގާށެވެ. އެހެން މިދަންނަވަނީ ވަރަށް ގިނަފަހަރު ދިވެހި ތާރީޚް ލިޔެވިފައި ހުރީ އެއިރެއްގައި ބާރުވެރި ފަރާތްތަކުން އެމީހުން ބޭނުންވާ ގޮތަށް ނަލަކޮއްގެނެވެ. މިލިޓަރީ ބޭސްއެއް އޮތުމަކީ މިނިވަންކަން ނެތުން ހެއްޔެވެ. ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ބަލާލައިފިނަމަ ބޭރު ގައުމުތަކުގެ މިލިޓަރީބޭސް ވަރަށް ގިނަގައުމު ތަކުގައި އެބަހުއްޓެވެ. ގިނަ ފަހަރު އޭގެއިން އެގައުމަކަށް އޮންނަ ރައްކާތެރިކަން ބޮޑުވުމާއި، އިގްތިޞާދީގޮތުންވެސް ފައިދާތަކެއް ލިބެއެވެ. މިސާލެއްގެ ގޮތުން އެމެރިކާގެ މިލިޓަރީ ބޭސްއެއް ގަތަރުގައި އޮތަތީވެ ގަތަރު ދެކެ ރުޅިއަންނަ ބަޔަކަށް އެމީހުންނަށް ހަމަލައެއް ދިނުމަކީ ކުރަން އުނދަގޫކަމެކެވެ. އެއީ ގަތަރުގެ ޚާރިޖީ ސިޔާސަތުގެ މޮޅުކަމެވެ.

އިނގިރޭސި ސިފައިން ގަމުގައި ތިބިއިރު ކަންކަން ތަޖުރިބާ ކުރެއްވި ބޭފުޅުން ވިދާޅުވާ ގޮތުގައި، އައްޑުއަތޮޅުގެ ރައްޔިތުންތިބީ އިގްތިޞާދީ ގޮތުން ފުދުންތެރި މިނިވަނުންގެ ގޮތުގައެވެ. މިޒަމާނުގައި މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެނީ އިގްތިޞާދީ މިނިވަންކަމާއެކީއެވެ. އެހެންނަމަވެސް، އިނގިރޭސިން އައްޑޫގައި ތިބިއިރު، އިގްތިޞާދީ ފުދުންތެރިކަން ރަނގަޅުވެ ޒަމާނީ ބޭސްފަރުވާ ހިލޭލިބުމާއި، ތައުލީމާއި އެހެނިހެން ކަންކަމުގައި ކުރިއަރައި ދިޔުމާއި ގުޅިގެން އަފީފް އަބްދުالله ދީދީ އިސްވެ ހުންނަވައިގެން މާލޭގެ ވެރިކަމުން ވަކިވެ، އައްޑޫ، ހުވަދޫ އަދި ފުއައްމުލައް، ހިމެނޭހެން ވަކި ވެރިކަމެއް ކުރުމުގެ ރޫޙެއް އައްޑުއަތޮޅުގައި އުފެދުނުކަން އެނގެން އެބައޮތެވެ. އަދި އިނގިރޭސިން ތިބީ އެމީހުންނަށް ވާގިވެރިވެގެންނެވެ.

މައްސަލައަކީ ކޮބައިހެއްޔެވެ؟ މާލޭގައި އޭރުއޮތް ވެރިކަމަކީ އައްޑުއަތޮޅުގެ ރައްޔިތުންނަށް މާބޮޑުކަމެއް ކޮއްދެވުނު ވެރިކަމެއްވެސް ނޫނެވެ. އިނގިރޭސިން ފައިބައިގެން ދިއުމުން މުޅި އައްޑުއަތޮޅުގެ އިގްތިޞާދު އަޑިއަޅާލައި، ރައްޔިތުން ޖެހުނީ ޙާލުގައެވެ. މިނިވަންކަމުގެ ގަލަމުން ކޮޅުނބުގައި ސޮއިކުރުމުން ނިކުތް ނަތީޖާއަކީ އަތޮޅެއްގެ ރައްޔިތުން ޙާލުގައި ޖެހުންނޫންތޯއެވެ. ކާބޯތަކެތި ލިބުމަށް ދަތިވާ ހިސާބަށް ކަންކަންގޮސް އެޙާލަތުން މިންޖުވުމަށް އެތައްބަޔަކު މާލެއަށް ޙިޖުރަކުރިއެވެ. އެއީ އަސްލު މާލެ ތޮއްޖެހުމުގެ ފެށުމެވެ. އެހެން މިދަންނަވަނީ މިއަދުވެސް އެއްއަތޮޅެއްގެ ބަޔަކަށް މާލޭގައި އެންމެ ގިނައީ އަޑުއަތޮޅު މީހުން ކަމަށްވާތީއެވެ. އެހެންކަމުން މިނިވަންވީ ކޮންބައެއްގެ އަތުން ކިހިނެއްތޯއެވެ؟ އަބްދުالله ޝާހިދު ވިދާޅުވިފަދައިން އިނގިރޭސިން ދިވެހިރާއްޖެ ކޮލޮނައިޒް ނުކުރާއިރު އެމީހުންގެ ފަރާތުން މިނިވަންވީ ކިހިނެއްތޯއެވެ؟ އަޅުގަނޑަށް އެހާދިސާ ފެންނަނީ އޭރުގެ ދިވެހި ސަރުކާރުން ވިސްނުމެއް ނެތި އަތޮޅެއްގެ ރައްޔިތުން ޙާލުގައި ޖައްސައި، މާލެ ތޮއްޖެހުމުގެ މަގުވެސް ފަހިކޮށް އަދި އޭގެ ނޭދެވޭ އަސަރު ދިގު މުއްދަތަކަށް މުޅި ދިވެހިރާއްޖެއަށް ކުރަމުން ގެންދިޔަ ކަމެއްގެ ގޮތުގައެވެ.

ވަކި ވެރިކަމެއް ކުރުމުގެ ފުރުޞަތު އަފީފް ދީދީއަށް ނުދިނަސް އެއައްވުރެން ރަނގަޅު މަގެއް ހޯދުނީސްކަން ކަށަވަރެވެ. މިސާލަކަށް ހޮނގްކޮންގް އަށް ބަލާލަމާ ހިނގާށެވެ. ސުލްޙަވެރިކަމާއެކީ އިނގިރޭސިން އެތަނުގައި ތިބެ އޭޝިއާގެ އެންމެ ތަރައްގީވެފައި އޮތްތަނަށް އެތަން ބަދަލުކޮށް، ސުލްޙަވެރިކަމާއެކީ އެތަން ޗައިނާއާއި ޙަވާލުކޮށް ފައިބައިގެން ދިޔައީވެސް ދާދި މިދާކަށްދުވަހުއެވެ. ޢިލްމީ ގޮތުން އެކަން ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުންނަމަ މިޒަމާނުގެ ޗައިނާގެ އެހެން ސިޓީތައް ތަރައްގީވެގެން ދިޔައީވެސް ހޮންކޮންގ މިސާލެއްގެ ގޮތުގައި ބަލައިގެންނެވެ.

އެހެންކަމުން، މިކަމުގައި ބަހުސަކަށް ހުޅުވާލައި، ދިރާސާކޮށް، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައިކަން އިތުރަށް ކަށަވަރުކުރަން އަޅުގަނޑަށް ފެނެއެވެ. ހަމަ ޔަގީނުންވެސް އައްޑުއަތޮޅުގެ ރައްޔިތުން މިސުވާލު އުފައްދައެވެ.

ކޮމެންޓް (0)