ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން "އިންޑިއާ ފަސްޓް" އަދި ޕީޕީއެމްގެ އިންޑިއާ އައުޓް؟
- ޙުސައިން ވިސާމު
- 29 ޖުލައި 2023

ދޭދޭ ގައުމުތަކާ އޮންނަ ގުޅުންތައް ބަދަހި ކުރުމުގައި މިއަދުގެ ދުނިޔޭގައި ދުރު ވިސްނުން އިސްކުރަންޖެހެއެވެ. ގައުމީ ސަލާމަތޭ ދެންނެވުމުން އޭގެ ވަށައިގެން ވާކަންކަން ނޭނގޭ ބަޔަކު ތިބެދާނެވެ. ގައުމީ ސަލާމަތާއި، މަސްލަޙަތު ގުޅިފައިވަނީ އެންމެ ކަމެއް ދެކަމަކާ އެއްނޫނެވެ. އަޅުގަނޑުގެ މިނިކަމެތި ސިކުނޑިއަށް ވިސްނެނީ އިންޑިއާ ފަސްޓް އަދި އިންޑިއާ އައުޓަކީވެސް ހައްދު ފަހަނައަޅާފައިވާ ދެވިސްނުމެއްކަމެވެ. އިންޑިއާ ފަސްޓް އަދި އިންޑިއާ އައުޓް ސިޔާސަތުތައް ރޮލާ ބަލާލުމުން އެކަން ދެނެގަނެވިދާނެއެވެ.
މިޒަމާނުގައި އެއްގައުމު އަނެއް ގައުމާއި ގުޅުންތައް ބޭއްވުމާއި، ގުޅުންތައް ކަނޑާލުމުގައި އިސްކަމެއް ދެނީ އެ ގައުމެއްގެ ގައުމީ ސަލާމަތާއި އެބަޔަކަށް ލިބޭ މަންފާ އަކީ ފަސްޓް ކަމަށް ބަލައިގެންނެވެ. އަދި އެއްވެސް ގައުމަކީ ވަކި ފަސްޓެއް ކަމަށް ބަލައިގެނެއް ނޫނެވެ. މިސާލަކަށް އަޅުގަނޑުމެންގެ ޚާރިޖީ ގުޅުންތަކުގައި އިންޑިއާ ފަސްޓް ސިޔާސަތު ގެންގުޅޭ އިރު އިންޑިއާގެ ޚާރިޖީ ސިޔާސަތު ރާވާ ހިންގާގޮތަށް ބަލާލަމާ ހިނގާށެވެ. މިއަދުގެ ދުނިޔޭގައި ޖިއޯޕޮލިޓިކްސް އެތުރެމުން ދަނީ ޑިމޮކްރަސީ އޮންނަ ގައުމުތަކުގެ ފަޅިއަކާއި ޑިކްޓޭޓާޝިޕްތަކުގެ ފަޅިއެކެވެ. ޑިމޮކުރެޓިކް ގައުމުތަކުގެ ތެރޭގައި ކުރިއަރާފައިވާ ހުޅަނގުގެ ގައުމުތަކުން އިސްވެތިބެ، އެހެން ގައުމުތަކަށް ނުފޫޒު ފޯރުވައިގެން އެމީހުން ބޭނުންވާ ގޮތައް ދުނިޔޭގެ ކަންކަން ތަރުތީބުވެފައި އޮތްއޮތުން، ދަމަހައްޓަން މަސައްކަތް ކުރުމަކީ އެމީހުންގެ ގައުމީ ސަލާމަތާއި އެމީހުނަށް ލިބޭ މަންފާގެ މައްޗަށް ކަންކުރާ ގޮތެވެ. އާދެ، އިންޑިއާއަކީ ޑިމޮކްރަސީއަކަށް ވެފައި ހުޅަނގުގެ ގައުމުތަކާއި ގާތް ގުޅުމެއް ބާއްވާ ބަޔަކަށް ވީނަމަވެސް، އަދި ޔުކުރެއިން ހަނގުރާމައިގައި ރަޝިއާއާއި ދެކޮޅަށް މުޅި ހުޅަނގު ނިކުމެ، އިންޑިއާއަށް ޕްރެޝަރު ކުރިއަސް، ރަޝިޔާއިން އަގު ހެޔޮކޮށް ތެޔޮލިބޭތީ އިންޑިއާއިން އަންނަނީ ރަޝިޔާއާއި ގުޅުން ބާއްވަމުންނެވެ. އަދި ހަތިޔާރުވެސް ގަންނަމުންނެވެ. މިހެން މިކަން އޮތް އިރުވެސް ދާދި ފަހުން އިންޑިއާގެ ބޮޑުވަޒީރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ވަރަށް މަތީދަރަޖައިގެ މަރުހަބާއެއްކިއެވެ. މިވާގޮތަކީ އެމެރިކާއަށް މިއަދު އިންޑިއާ މުހިއްމު ބަޔަކަށްވުމެވެ.
ބިލިއަންގެ އާބާދީ އޮތް ދުނިޔޭގެ ދެވަނަ އިގްތިޞާދު ޗައިނާއަކީ އެމެރިކާގެ ވާދަވެރިޔާއެވެ. ދެން ހަމަ ބިލިޔަންގެ އާބާދީއެއް އޮތް އިންޑިއާ ރުއްސައިގެން ނޫނީ އެމެރިކާއަކަށް ދެކޮޖެއްސޭނެ ގޮތެއް ނޯންނާނެއެވެ. އެމުހިއްމުކަން އިންޑިއާއަށް އެނގޭތީ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަނީއެވެ. ކޮންމެހެން ފަސްޓް ފޮލިސީއަކަށް ނުވެއެވެ. އިގްތިޞާދީ ގޮތުންނާއި ސަލާމަތީގޮތުން ފައިދާވާ ގޮތަކަށް ޚާރިޖީ ސިޔާސަތު ގެންގުޅެނީއެވެ.
އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެއަކީ އިންޑިއާއަށްވުރެވެސް ހުޅަނގުގެ ގައުމުތަކަށް މުހިއްމު ގައުމެއް. ސަބަބަކީ އެމެރިކާގެ އެންމެ މުހިއްމު އެއް މިލިޓަރީ ބޭސް ޑިއަގޯގާސިއާ، ރާއްޖެއާއި 500 ކިލޯ މީޓަރު ހިސާބެއްގައި އޮތުން. އަދި އެމެރިކާއާއި ހުޅަނގުން ދެކޭ ގޮތުގައި ދުނިޔޭގެ %30 ވިޔަފާރި ދަތުރުތައް ކުރަނީ އިންޑިއާ ކަނޑުންނެވެ. އެކަނޑުގެ ސަލާމަތަކީ އިންޑިއާގެ ސަލާމަތެއް އެކަންޏެއް ނޫނެވެ. އެއަށްވުރެން ބޮޑަށް އެމެރިކާއާއި ޔޫރަޕަށް މުހިއްމެވެ. ދެން އިންޑިއާ އަކީ އަވައްޓެރިއަކަށް ވީތީ އަދި ދިވެހީން ބޭސްފަރުވާ ކުރަން ދާ ގައުމަކަށްވާތީއާއި އަދި ފިޔާ އަލުއްވާއި ކާޑުގެ ބާވަތްތައް ލިބުމަށް ދަތިވެދާނެތީ އެހާބޮޑު ފަސްޓަކަށް އިންޑިއާ ހަދަން ޖެހޭތޯވެސް ބަލާލެވިދާނެއެވެ. މިއީ ކޮންމެހެން ނުލިބިދާނެ އެއްޗެއްވެސް ނޫނެވެ. އަދި މިކަމާ ހެދި އިންޑިއާ ފަސްޓް ޕޮލިސީ ގެންގުޅުނީމަ ދިވެހިރާއްޖެއަށް ލިބޭ މަންފާއަށްވުރެން އިންޑިއާއަށް ލިބޭ މަންފާ މާބޮޑަށްވެސް ބޮޑެވެ. ސަބަބަކީ ދުރު ވިސްނުމަކަށް ނަޒަރު ހިންގާލާއިރު، އިންޑިއާ ކަނޑުގައި ފުރިހަމަ ބާރު އިންޑިއާ އަތުގައި އޮތުމެވެ. އަދި އިންޑިއާގެ ނުފޫޒުން ދިވެހިރާއްޖޭގެ އިގްތިޞާދުގެ މައްޗަށް ބާރު ހިންގުމަށް މަގުފަހި ވުމެވެ.
ދެން އިންޑިއާ އައުޓު ކިޔަން ޖެހޭ ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނެއެވެ. އިންޑިއާ އަކީ ކުރިއަރަމުން އަންނަ ވަރުގަދަ އިގްތިޞާދެކެވެ. އެހެން ކަމުން ރޭވުންތެރި ގުޅުމެއް ބާއްވައިގެން ދިވެހިރާއްޖެއަށް ފައިދާވާނެކަން ޔަގީނެވެ. އިންޑިއާގެ މިލިޓަރީ ސިފައިން ދިވެހިރާއްޖޭގައި ތިބޭތިބުމަކީ ކަންބޮޑުވުމަކަށް ވަނީނަމަ ސިޔާސީ ރިވެތި ބަހުންނާއި ވިސްނުންތެރި ކަމާއެކީ އެކަމުގެ މައްޗަށް މަސައްކަތް ކުރުން މާރަނގަޅުވާނެކަމަށް ފެނެއެވެ. އިންޑިއާގެ ނުފޫޒުގެ ތެރެއަށް ދިވެހިރާއްޖޭގެ އިގްތިޞާދު ހިނގައިދާނެ ކަމުގެ ކަންބޮޑުވުމާއި، އިންޑިއާ ފަސްޓް ސިޔާސަތުގައި ހުރި ދެކޮޅު ނުޖެހޭ ކަންކަމާއި ބެހޭ ގޮތުން ވާހަކަ ދެއްކުންވެސް ރަނގަޅު ކަމަށްފެނެއެވެ. މިހެން މިދަންނަވަނީ އިންޑިއާ، ޗައިނާ އަދި ހުޅަނގުގެ ގައުމުތަކާއި އެއްވަރަކަށް ގުޅުންތައް ބޭއްވުމަކީ ދިވެހި ރާއްޖެއަށް އެންމެ ފައިދާ ހުރިގޮތްކަމަށް ފެންނާތީއެވެ. އަޅުގަނޑަށް ފެންނަ ފެނުމުގައި ޤަތަރުން ގެންގުޅޭ ޚާރިޖީ ސިޔާސަތަކީ ދިވެހި ރާއްޖެއަށް ވަރަށް ރަނގަޅު ސިޔާސަތެއްކަމަށް ފެންނާތީއެވެ. ތާލިބާނުންގެ އޮފީސްވެސް ޤަތަރުގައި ހުރެއެވެ. އެމެރިކާ ސިފައިންވެސް ތިބެއެވެ. ތުރުކީ ސިފައިންވެސް ތިބެއެވެ. ނުވީތާކަށް ވޯލްޑު ކަޕުގެ ސްޓޭޑިއަމްތަކުގައި ރަލެއްވެސް ނުލިބުނެވެ. ފަލަސްތީނުގައި ލާރިވެސް ބަހަނީއެވެ. އިޒްރޭލުން އެކަން ހުއްޓުވަން އުޅެއުޅެވެސް ނުވިއެވެ. މިވާގޮތް ބަލާލުން ބުއްދިވެރިވާނެއެވެ. އެއީ ޚާރިޖީ ސިޔާސަތުގެ ރަނގަޅު މިސާލެކެވެ.