ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް އެޅުއްވި ތަފާތު ބްރިޖްތައް!
- ޙުސައިން ވިސާމު
- 01 އޮގަސްޓް 2023

"ބްރިޖް" އިނގިރޭސިބަހުގައި ބޭނުން ކުރެވެނީ ހަމައެކަނި ކަނޑު ނުވަތަ ކޯރެއް ހުރަސްކުރުމަށް އަޅާ ފާލަމަކަށް އެކަންޏެއް ނޫނެވެ. ކަމެއް ނުވަތަ ވިސްނުމެއް ގުޅުވާލުމަށް ނުވަތަ ގާތް ކޮއްލުމަށްވެސް ބްރިޖް ކުުރުމޭ ބުނެވިދާނެއެވެ.
ގައުމެއްގެ ތަރައްގީގައި ހަމައެކަނި ލޮލުން ބަލައިގެން ނުފެންނަ ކިތައްމެ ކަމެއް ކުރަންޖެހެއެވެ. ތަރައްގީގެ އެންމެ މުހިއްމު އެއްބަޔަކީީ އެތަނެއްގައި އުޅޭ ރައްޔިތުންގެ ތަަޢުލީމާއި، ވިސްނުމަށް އަންނަ ކުރިއެރުން ކަމީ ދެބަސް ވާން ޖެހޭ ކަމެއް ނޫނެވެ. އަނެއް ކަމަކީ ދައުލަތް ހިންގުމުގެ ނިޒާމްތައް ވަރުގަދަ ކުރުމެވެ. ތަރައްގީވެފައި ހުރި ގައުމުތަކަށް ބަލައިފިނަމަ އެކަން ސާފުކޮށް ފެންނާނެއެވެ.
އެގޮތުން ރައީސް ޞޯލިޙް ވަނީ ގިނަ ބްރިޖް ތަކެއް އަޅުއްވައިފައެވެ. ދިވެހިންނަށް ޑިމޮކްރަސީ ލިބުނުފަހުން އެންމެ ބޮޑު ކަންބޮޑު ވުމެއް އޮތް އެއްދާއިރާއަކީ ޝަރުޢީ ދާއިރާއެވެ. ރައީސް މައުމޫނުގެ ވެރިކަމުގައިވެސް އަދި ރައީސް ޔާމީނުގެ ވެރިކަމުގައިވެސް ޝަރުޢީ ދާއިރާގައި ކުރަން އޮތް އެންމެ މުހިއްމު އެއްކަމެއް ވަނީ ނުކޮށެވެ. އެއީ ބާ ކައުންސިލް ވުޖޫދަށް ގެނެސް ގާނޫނީ ވަކީލުން މިނިވަން ކަމާއެކީ މަސައްކަތް ކުރުމުގެ ބާރު ލިބިދިނުމެވެ. ބާ ކައުންސިލް ނެތްއިރު، ޙުސްނުއް ސުޢޫދު މެން ފަދަ ގާނޫނީ ވަކީލުން އަބަދުމެ ތިބީ ސުޕްރީމް ކޯޓުން ސަސްޕެންޑު ކޮއްފައެވެ. ބާ ކައުންސިލް ހެދުމާއި ދެކޮޅަށް ޑީއާރުޕީގެ ވެރިކަމުގައާއި، ޕީޕީއެމްގެ ވެރިކަމުގައި މަސައްކަތް ކުރިކަމަށް ފުންނާބު އުސް ގާނޫނީ ވަކީލުން ވިދާޅުވެއެވެ.
އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރޭގައި ބާ ކައުންސިލް ގާނޫނު ފާސް ކުރުން ހިމެނިފައިވީނަމަވެސް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެކަން ޙާޞިލެއް ނުވިއެވެ. ސަބަބަކީ އެމްޑީޕީގެ ފުރަތަމަ ރައީސް ނަޝީދަށް ދައުލަތް ހިންގުމުގެ ބާރު ހިފަހައްޓަން ނޭނގުމާއި ގުޅިގެން ވެރިކަން ވެއްޓުމުން ކަމަށް ވެދާނެއެވެ.
ރައީސް ޞޯލިޙްގެ ވެރިކަމުގެ ވަރަށް ކުރީކޮޅު ބާކައުންސިލްގެ ގާނޫނު ފާސްކޮށް ގާނޫނީ ވަކީލުންގެ މިނިވަންކަމާއި ކުރިއެރުމާއި، ބާރުވެރިކުރުމުގެ ބްރިޖް އަޅުއްވައި ދެއްވި ކަމީ ދެބަސް ވެވޭނެ ކަމެއް ނޫނެވެ. ގާނޫނީ ވަކީލުންނަށާއި މުޅިގައުމުގެ ތަރައްގީއަށް އަޅުއްވައި ދެއްވި މިބްރިޖް މިއަދު ނޭޅި އޮތްނަމަ ވާނީ ކިހިނެއްތޯއެވެ! ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންނަށްވެސް މިއަދު މިނިވަންކަމާއި އެކު ވަކާލާތު ކުރުމަށް ދަތިވީހެވެ. ސިޔާސީ އަމިއްލަ އެޖެންޑާއެއް ނެތް ކޮންމެ ގާނޫނީ ވަކީލަކަށް މިކަން ކަށަވަރުވާނެއެވެ.
މިއަދުގެ ކިޔަވާކުދިން ސްކޫލު ދައުރު ނިންމައި މަތީ ތަޢުލީމު ޙާޞިލް ކުރުމަށް ހިލޭ ޑިގްރީއާއި، %0 އިންޓަރެސްޓްގެ ލޯނު ލިބޭ ގޮތް ވަނީ ހަދާފައެވެ. އެއީ އެކުދިންގެ މުސްތަގުބަލަށް އެޅިފައިވާ މުހިއްމު ބްރިޖެކެވެ. މިއީ ގައުމެއްގެ ތަރައްގީގެ ދުވެލި ބާރުކުރުމަށް އަޅަންޖެހޭ އެންމެ މުހިއްމު އެއް ބްރިޖެވެ. މިއަދުވެސް 18 ވަރަކަށް ހާސް ކުދިން ހިލޭ ޑިގްރީއަށް ކިޔަވަމުންއެބަ ދެއެވެ. މިއީ ކުޑަ ބްރިޖެއް ހެއްޔެވެ. އަދި ކުރިން ނަގާފައިވާ ތައުލީމީ ލޯނުތަކުގެ އިންޓަރެސްޓްވެސް ވަނީ ކަނޑާލާފައެވެ.
ރައީސް ޞޯލިޙް އަޅުއްވާ ދެއްވާފައިފައިވާ ބްރިޖްތައް ގިނައެވެ. އިގްތިޞާދީ، އިޖްތިމާއީ އަދި ދައުލަތް ހިންގުން ހަރުދަނާ ކުރުމަށް މިފަދަ އެތަކެއް ބްރިޖް ތަކެއް އަޅުއްވާފައިވާ ކަން ވިސްނާ ފިކުރު ކުރާ ބަޔަކަށް ފެންނާނެއެވެ. ސިޔާސީ ގޮތުން މިކަމާއި ދެކޮޅަށް ބަސް ބުނެވިދާނެއެވެ. ނަމަވެސް ހަގީގަތަކީ ބަދަލު ކުރެވޭނެ އެއްޗެެއް ނޫނެވެ.
ވަރަށް މުހިއްމު މަޢުލޫމާތުކޮޅެއް . ޝުކުރިއްޔާ