ރިޔާސީ އިންތިޚާބުގެ ހިސާބު! މިފަހަރު ވާނީ ކިހިނެއްބާ؟ ކާކަށް މިފަހަރު ވެރިކަން ލިބޭނީ؟
- ޙުސައިން ވިސާމު
- 29 ޖުލައި 2023

ދިވެހިރާއްޖޭގެ އިންތިޚާބުތަކުގައި އިތުބާރުކުރެވޭ ވަރުގެ ސާވޭ އެއް ނުވަތަ ޕޮލް އެއް ނުހެދެއެވެ. އެހެންނަމަވެސް ސިޔާސީ މަސްރަޙް ދިރާސާކޮށް ކުރިއަށްދާނެ ގޮތް ތަޞައްވަރު ކުރާމީހުން އުޅެއެވެ. މިގޮތަށް ހިސާބު ޖަހާއިރު، ގިނަ ފަހަރަށް ވަކި ބަޔަކަށް ސަޕޯޓު ކުރާ މީހެއްނަމަ އެކޮޅެއް މޮޅުވާނެގޮތަށް ހިސާބު ކިޔާލަދެއެވެ. މިގޮތައް ކިޔާދޭއިރު ދެކޮޅަށް ބަހެއް ބުނެފިނަމަ ރުޅިވެސް އަންނަފަރު މަދެއްނޫނެވެ.
ވޭތުވެދިޔަ 15 ވަރަކަށް އަހަރު 3 ދައުރެއްގެ ވެރިކަން ބަދަލުވެފައިވާ ގޮތުގެ މައްޗަށް އަލިއަޅުވާލުމުން އަޅުގަނޑަށް ޖަހާލެވޭ ހިސާބުގެ މަންޒަރެއް ކުރަހާލާނަމެވެ. އެންމެ ފުރަތަމަ ރައީސް މައުމޫނުގެ ވެރިކަން 2008 ވަނައަހަރު ބަދަލުވި ގޮތަށް ބަލާލަމާ ހިނގާށެވެ. އެފަހަރުގެ އިންތިޚާބަކީ ވަރަށް ގިނަ ގޮތްގޮތުން ތަފާތު އިންތިޚާބެކެވެ. ރާއްޖެއަށް މިނިވަން އިންތިޚާބެއް ލިބުނު ފުރަތަމަ ފަހަރެވެ. 30 އަހަރުގެ ދިގުވެރިކަމެއް ބަދަލު ކޮއްލަން އެތަކެއް ބަޔަކު ނިކުމެ ޖޯޝާއި ފޯރީގައި ތިއްބެވެ. ރައްޔިތުންގެ ތެރޭވެސް ގިނަބަޔަކު ތިބީ އިޙްސާސްތަކެއް ބޭރުކޮއްލަން ފުރުޞަތަކަށް ބަލަބަލައެވެ. މުޅި ރާއްޖެ އޮތީ ޑިމޮކްރަސީން ލިބުނު މިނިވަންކަމުގައި "އާވެފައި" ބަދަލެއް ދެކިލާހިތުންނެވެ. އެންމެންވެސް ނަންކިޔާ ސިޔާސީ ހުރިހާ ލީޑަރުން ވެސް ތިބީ އެކަތިގަނޑެއްގެ ގޮތުގައި ރައީސުލް ޖުމްހޫރިޔާ ކަމުގެ މަގާމު ބަދަލުކޮށް، އެމީހުންނަށް ފުރުޞަތު ލިބޭނެގޮތް ވުމަށް އެދި ކަރު ހިއްކައިގެންފައެވެ. ދިގު 30 އަހަރުގެ ބާރުގަދަ ވެރިކަން ބަދަލު ކޮއްލަން ކުރެވެން އޮތް ހުރިހާކަމެއް ކުރިއެވެ. އެ މަގުޞަދު ޙާސިލްވީ 30 އަހަރުގެ ޙުދުމުޙުތާރު ވެރިކަން ބަދަލު ކުރުމަށް އަލަށް ޑިމޮކްރަސީއިން ލިބުނު މިނިވަންކަމުގެ ފޯރީގައި ތިބި ދިވެހި ރައްޔިތުންގެ ތެރޭގައި އުފެއްދުނު އިޙްސާސްތަކުގެ ސަބަބުންނޭ ދަންނަވަންޖެހެއެވެ. އޭރު އިދިކޮޅުން އެކައްޗެއްގެ ގޮތުގައި ކީ ހަމައެކަނި ލަވަޔަކީވެސް 30 އަހަރުގެ ޙުދުމުޙުތާރު ވެރިކަން ބަދަލުކޮށް އާވިސްނުންތަކަށް ޖާގަދީ މިނިވަންކަން ލިބިގަތުމެވެ.
ދެން މީގެން ފާހަގަ ކޮއްލަން ޖެހޭ އެންމެ މުހިއްމު ނުކުތާއަކީ މާބޮޑު ތަފާތެއް ނެތި ރައީސްކަމަށް ނަޝީދު އިންތިޚާބުވުމެވެ. މާނަޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ ސަޕޯޓަކާއި އެކު، ނުފޫޒާއި ބާރުން ލިބޭ ވޯޓުގެ ގިނަކަމެވެ. މީގެން އެނގިގެން ދިޔަކަމަކީ ވެރިކަމުގައި ހުންނަ މީހަކު ބަދަލުކޮށްލަން ވަރުގަދަ ޖަޒުބާތެއް ރައްޔިތުންގެ ތެރޭގައި އޮވެ އެޖަޒުބާތުގެ މައްޗަށް އިދިކޮޅު އެންމެން އެކަށްޗެއް ކިޔައި ވަރުގަދަ ކެންޕޭނެއް ހިންގަން ޖެހޭކަމެވެ.
ދެންއައީ ރައީސް ނަޝީދުގެ ވެރިކަމެވެ. މި ވެރިކަން ވެއްޓުނީ ހުރިހާކަމެއް އެފުއް މިފުށަށް ޖައްސަވައި، އިސްލާމް ދީނާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ރައްޔިތުންގެ ތެރޭގައި އިޙްޞާސްތަކެއް އުފެދިގެންނެވެ. އަދި އިދިކޮޅުގައި، ލީޑަރުންގެ ގޮތުގައި ތިއްބެވި، ވެރިކަންބޭނުން ވެފައި ތިބި ބޭފުޅުން، އަނެއްކާވެސް އެކައްޗެއް ކިޔައި ރައީސް ނަޝީދުގެ ބޮލުގައި ލާދީނީ ޓެގު ރަނގަޅަށް އެޅުމަށްފަހު ވެރިކަމުން ދުރު ކުރުމަށް ވަރުގަދަ ކެންޕޭނެއް ކުރިއެވެ. މިކެންޕޭނުގައި ހިންގި ޙަރަކާތްތަކުގައި އެތައްހާސް ބަޔަކު ބައިވެރިވެ ރައްޔިތުންގެ އިޙްޞާސްތަކާ ކުޅެލި ކުޅެލުމަކީ ވެރިކަން ބަދަލުވުމަށް ދިމާވި އެންމެ ބޮޑު ސަބަބެވެ.
ރައީސް ޔާމީންގެ ވެރިކަން ބަދަލުވިގޮތް ބަލާލަމާ ހިނގާށެވެ. ކޯލިޝަން ރޫޅާލައި، ނައިބު ރައީސް މަގާމުން ދުރުކޮށް، އަދީބު ކިޔާ ޒުވާން ކުއްޖަކަށް އާދަޔާ ޚިލާފު ބާރުތަކެއް ދެއްވައިގެން ސިޔާސީ މަސްރަޙް ހަލަބޮލިވިއެވެ. ސިޔާސީ ހުރިހާ ބޭފުޅުން ހުރަގެއަށް ލައްވައި ސުޕްރީމް ކޯޓުގެ ގާޒީންވެސް ހިފާ ހައްޔަރުކޮށް ދިވެހީންނަށް ލިބުނު މިނިވަންކަންވެސް ގެއްލޭ ހިސާބަށް ކަންކަން ދިޔައެވެ. އަދި އެމްއެމް ޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ވައްކަންވެސް ކުރާ ބޭފުޅެއްގެ ގޮތުގައި ރައްޔިތުންގެ ތެރޭގައި އިޙްޞާސް ތަކެއް އޭރު އިދިކޮޅުބޭފުޅުން އުފެއްދިޔައެވެ. މިދެންނެވުނު ކަންކަމުގެ މައްޗަށް އިދިކޮޅުގައި ތިއްބެވި ލީޑަރުން ފުރާނަދީގެންވެސް އެންމެން އެކައްޗެއް ކިޔައި އިބުރާޙިމް މުޙައްމަދު ޞޯލިޙްގެ ފަހަތަށް އަރުއްވައިގެން ރައްޔިތުންގެ އިޙްޞާސްތަކާއި ކުޅެލައި، ރައީސް ޔާމީނު ވެރިކަމުން ދުރުކުރުމަށް ވަރުގަދަ ކެންޕޭނެއް ކުރެވުނުތަން ފެނުނެވެ.
މިއަދަކީ ވޭތުވެދިޔަތަނުގައި ވެރިން ބަދަލުވިއިރުގެ ޙާލަތްތަކާއި ތަފާތެއް ފެންނަ ޙާލަތަކެވެ. މިހެންދަންނަވަން ޖެހެނީ، ރިޔާސީ އިންތިޚާބަށް މަހެއްހާ ދުވަހަށް ވެފައިވާ އިރުވެސް، ކުރިން އެކައްޗެއް ކިޔުއްވި މަޝްހޫރު ސިޔާސީ ލީޑަރުން އެކައްޗެއް ކިޔާތަނެއް އަދި ނުފެނުމެވެ. މީގެ އިތުރުން ސިޔާސީ ލީޑަރުންގެ ތެރޭގައި ލާދީނީވެގެން ރައީސްކަމުން ދުރުކުރެވުނު ރައީސް ނަޝީދާއި، އެމަނިކުފާނު ވަކާލާތުކުރެއްވި ވިޔަފާރިވެރިން ރައީސްކަން ކުރެއްވުމަކީ ގޯސްކަމެއްކަމަށް ބުނެހެދި ގާސިމް އިބްރާހިމް ހުންނެވުމެވެ. ޚުދުމުޚްތާރު ވަގެއްގެ ޓެގު ހަމަ އެބޭފުޅުން އެޅުއްވި ރައީސް ޔާމީނުވެސް ހުންނެވުމެވެ. އަދި ރައީސް ނަޝީދު އިސްވެ ހުންނަވައި ބާޤީއެއްގެ ގޮތުގައި ޓެގު އެޅުވުނު ނާޒިމްއާއި އެއްކޮށް ނަޝީދު ފެނުން ރައްޔިތުން ބަލައިގެންފާނެހެއްޔެވެ؟ އެހެންކަމުން މިހުރިހާބޭފުޅުން އެއްލަވައެއް ކިޔުއްވައި ރައްޔިތުންގެ ތެރޭގައި އިޙްޞާސްތަކެއް އުފެއްދިދާނެ ގޮތެއް އަދި ނުފެނެއެވެ. ލާދީނީ ބޭފުޅާ، ވަގަށްގޮވި ބޭފުޅާއާއި އަދި ބާޤީންގެ އަތުގަ މިއަދު ހިފައިގެން ރައްޔިތުންގެ އިޙްޞާސްތަކާއި ކުޅެލެވިދާނެތޯ - އެއީ ސުވާލެކެވެ. ޚުދުމުޚްތާރު ވަގުގެ ޓެގު އެޅުވި ބޭފުޅާ، އިސްލާމްދީނާއި ދެކޮޅު ބޭފުޅަކު ގޮވައިގެން ކެންޕޭންކޮށް ރައްޔިތުންގެ ވޯޓު ހޯދިދާނެތޯއެވެ؟ ވައުދުތައް ނުފުއްދުމާއި، ޕްރޮޖެކްޓްތައް ފުރިހަމަޔަށް ނުހިނގުމާއި، ކޮރަޕްޝަނާއި، ބޭއިންސާފުން ފުލެޓް ބެހުން ފަދަ ވާހަކަޔަކީ ކޮންމެ ރައީސަކާ ދިމާލައްވެސް ގޮވިދާނެ އެއްޗިއްސެވެ. އެއީ އެކޮޅަކަށް ސަޕޯޓު ކުރާ ބަޔަކު އަނެއްކޮޅަށް ގޮވާ ގޮވެއްޔެކެވެ.
ވެރިކަން ބަދަލުވެފައި އޮތްގޮތުގެ މާޒީން ލިބޭ ފިލާވަޅު ވަރަށްވެސް ތަފާތެވެ. ވެރިކަން ބަދަލުވެފައި ހުރީ، ރައްޔިތުންގެ ތެރޭގައި އޮންނަ ނުތަނަވަސް އިޙްޞާސްތަކެއްގެ މައްޗަށް އިދިކޮޅުން އެކައްޗެއް ކިޔައި ޖަޒްބާތު އުފައްދައިގެން، ރައްޔިތުން މަގުތަކަށް ނެރެ ވަރުގަދަ ކެންޕޭނެއްކޮއްގެންނެވެ. ކުރިންދެންނެވުނު ފަދައިން ރައީސްކަމުގައި ހުންނަވާ ބޭފުޅަކަށް އޮންނަ ތާއީދެއްގެ އިތުރުން، ނުފޫޒާއި ބާރު އޮތުމުން ވެރިކަން ބަދަލު ކޮއްލެވޭ ވަރުގެ ޙަރަކާތެއް އަދި ނުފެންނަ ކަމީ މިއަދުގެ ޙަޤީގަތެވެ. މަހެއްހާދުވަހަކީ ކެންޕޭން ކުރަން ވަރަށް ކުރު މުއްދަތެކެވެ. އެހެންކަމުން ރައީސް އިބްރާޙިމް މުޙައްމަދު ޞޯލިޙްގެ ވެރިކަން ބަދަލު ކުރެވިދާނެ ހިސާބެއް ޖަހާނެ ގޮތެއް އަޅުގަނޑަކަށް އަދި ނުފެންނަ ކަމަށް ދަންނަވަން ޖެހެއެވެ.